މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފިއެވެ.
ދައުލަތުން މައުމޫންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުރިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް ދައުލަތުން އެދިފައިވަނީ އަދަބުގެ ދަރަޖަ މަތިކޮށް، ބޮޑު އަދަބެއް ދިނުމަށެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގައެވެ.
މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އަދި އޭގެފަހުން މިދިޔަ އަހަރު އޭނާ އަމިއްލައަށް ރާއްޖެ ވަޑައިގަތުމާއެކު، އޭނާ ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓުވަނީ ހިފަހައްޓާފައެވެ.
މައުމޫނަށް އިއްވާފައިވަނީ 12 އަހަރާއި، 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. މިއީ 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި މައުމޫން ހުންނެވިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި 7 ދައުވާގެ ތެރެއިން 2 ދައުވާގެ ހުކުމެވެ. ބާކީ 5 ދައުވާގެ ހުކުމް އެހެން ދުވަހެއްގައި އިއްވުމަށް ވަނީ ހަމަޖެހިފައެވެ.



