ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު މުޙައްމަދު އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށާއި އޭނާ ގާނޫނީ ލަފާވެސް ހޯދި ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެ އިއްޔެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ސައީދަށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ، އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައެވެ. މި މައްސަލައިގައި ދައުލަތުން ސައީދަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެފައި އޮއްވައެވެ.
އިދިކޮޅު އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ޓީމުގެ ފަރާތުން މައުލޫމާތު ދެއްވަމުން ވަކީލު އަހްމަދު މައުރޫފް ވަނީ، މި ފެށޭ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެ ޕާޓީގެ ފަރާތުން ”ލޫޓުވައިފި“ގެ ނަމުގައި އެއްވުމެއް ބާއްވާނެކަން އިއުލާނުކުރި ހިސާބުން ފެށިގެން، އެ އެއްވުމަށް ސަރުކާރުގެ ފަރާތުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މައުރޫފް ވިދާޅުވީ، ސައީދުގެ މައްސަލައިގެ ޝަރީއަތް ދިޔައީ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ކަމަށާއި، އެ ޝަރީއަތް ކުރިއަށް ގެންދިޔައިރު ކްރިމިނަލް ކޯޓުގައި ބައިވަރު މައްސަލަ ފުނިޖެހިފައި އޮތް ކަމަށެވެ. މިފަދަ އެތައް މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތްއިރު، ކުރިއަށް ނުދާ އެތައް މައްސަލައެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




