ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމުގައި ހުރިއިރު ޑޮލަރު ގަތް ކަމަށާއި ނަމަވެސް ގަތީ ކިހާވަރެއް ކަމެއް އަދި މުއާމަލާތް ހިންގީ ކޮން އިރަކު ކަމެއް ހަނދާނެއް ނެތް ކަމަށް، ބައްސާމް އަދީލް ޖަލީލް ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެއެވެ.
ބައްސާމް މިހެން ވިދާޅުވެފައިވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާގެ އެންމެ ފަހު އަޑު އެހުމުގައެވެ.
މި ދެ މައްސަލައިގެ އަޑު އެހުން މިއަދު ނިމުނުއިރު މި ދެ މައްސަލަ ސާބިތުވެއްޖެނަމަ ބައްސާމަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއަދު އޮތް ޝަރިއަތާއެކު މި ދެ މައްސަލައިގެ އަޑު އެހުން ނިމި ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުން ނިންމާލުމުގެ ކުރިން މި މައްސަލަ ބައްލަވާ ގާޒީ ވަނީ، ޑޮލަރު ގަތުމުގެ މުއާމަލާތްތައް ބައްސާމާއި އެފްއޭއެމާ ދެމެދު ކުރިން ކޮށްފައިވޭތޯ ސުވާލު ކުރައްވާފައެވެ.
ޖަވާބުގައި ބައްސާމް ވިދާޅުވީ، ޑޮލަރު ގަތުމުގެ މުއާމަލާތް ކުރިން ވެސް ހިންގާ ކަމަށެވެ. ނަމަވެސް އެގޮތަށް ހިންގާފައި ހުރި މުއާމަލާތްތަކުގެ އަދަދު ހަނދާން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
”ހުންނާނެ ޑޮލަރު ގަނެފައި. ސީދާ ކިހާވަރެއް ކަމެއް، ކޮންއިރަކު ކަމެއް ހަނދާނެއް ނެތް“ ބައްސާމް ވިދާޅުވިއެވެ.
ޑޮލަރު މާރު ކުރުމުގެ މުއާމަލާތްތައް ހިންގަނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވުމުން ބައްސާމް ވިދާޅުވީ އެކަން ކުރަނީ އެފްއޭއެމްގެ ފައިސާއާ ބެހޭ ޑިޕާޓްމެންޓުން ކަމަށެވެ.
މިއަދު އަޑު އެހުން ނިމުނު ދެ މައްސަލައިގެ މި ދައުވާގައި ދައުލަތުން ވަނީ އެ 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.



