ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް އައުން ވަރަށް ގާތްވެއްޖެ ކަމަށް ބުނެ، ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު 20 ކަމެއް ހިމަނާފައިވާ ހުށަހެޅުން ހާމަކޮށްފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ވައިޓްހައުސްގައި އަނެއްކާވެސް ބޭއްވި ބައްދަލުވުމަކަށްފަހު، ޓްރަމްޕް ބުނީ މިއީ ”ސުލްހަވެރިކަމަށް ތާރީހީ ދުވަހެއް“ ކަމަށެވެ.
އެ ބައްދަލުވުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނަތަންޔާހޫ ބުނެފައިވަނީ، ޓްރަމްޕްގެ ހުށަހެޅުމަށް އޭނާ ތާއީދު ކުރާ ކަމަށެވެ. އަދި އެއީ އިޒްރޭލުން ބޭނުންވާ ކަންކަން ހިމެނޭ ހުށަހެޅުމެއް ކަމަށްވެސް ނަތަންޔާހޫ ބުންޏެވެ.
އެމެރިކާގެ ރައީސް ބުނީ މި ހުށަހެޅުން ތަންފީޒުކޮށް ހަނގުރާމަ ނިމުމަކަށް ގެންނަން ހަމާސް އިން ވެސް ބޭނުންވާ ކަމުގެ އަޑު އިވިފައިވާ ކަމަށެވެ.
ޓްރަމްޕް މިހެން ބުނެފައިވާއިރު، ހަމާސްގެ އޮފިޝަލެއް ކަމަށްވާ މަހްމޫދު މަރްދާވީ ވިދާޅުވީ މި ހުށަހެޅުން އަދި ލިޔުމުން އެ ޖަމާއަތަށް ލިބިފައި ނުވާ ކަމަށެވެ.
ޓްރަމްޕުގެ ހުށަހެޅުން ގަބޫލުކުރާ ކަމަށް އިޒްރޭލުން އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުން އޭނާ ހުށަހެޅި ހުށަހެޅުމުގައި ހިމަނާފައިވެއެވެ. އަދި ދެ ފަރާތުން ހުށަހެޅުމަށް އެއްބަސްވާނަމަ ހަމަލާތައް ވަގުތުން ހުއްޓާލުން ވެސް ހިމެނެއެވެ.
ވައިޓް ހައުސް އިން ބުނީ އިޒްރޭލުން ޣައްޒާ ނުހިފާނެ ކަމަށާއި އެއްވެސް މީހަކު އެ ތަނުން ފައިބަން ވެސް މަޖުބޫރު ނުކުރާނެ ކަމަށެވެ.
މީގެއިތުރުން ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހި އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް ވަގުތު ދިނުމާ އެކު އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު ވެސް އިޒްރޭލުން މިނިވަންކުރަން ހިމަނާފައިވެއެވެ. އަދި ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު ވެސް މިނިވަންކުރާނެއެވެ.



