ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދިޕިކާ ޕަޑުކޯން އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ އަދި ފިލްމު ކޮރިއޮގްރަފަރ/ޑައިރެކްޓަރ ފަރާ ޚާން އިންސްޓްގްރާމުން އަންފޮލޯ ކޮށްފިއެވެ.
ދިޕިކާވަނީ މަންމައަކަށްވީ ފަހުން އޭނާ މަސައްކަތް ކުރަން ބޭނުންވާ ގޮތްތަކަށް ބަދަލުގެނެސް، ބައެއް ޑިމާންޑުތައް ކޮށްފައެވެ. އެގޮތުން ޝޫޓިންގައި ހޭދަކުރެވޭނީ އެންމެ ގިނަވެގެން 8 ގަޑިއިރު ކަމުގައިވެސް ދިޕިކާ ބުނެފައިވެއެވެ.
ބޮލީވުޑްގެ ގިނަ ތަރިން ދިޕިކާގެ އެ ނިންމުމަށް ތާއީދުކޮށްފައިވާއިރު، އޭނާ ބޮލީވުޑަށް ތައާރަފްކޮށްދިން ފަރާ ޚާންގެ ހިޔާލު އެކަމުގައި ތަފާތެވެ.
މިކަން ފެންމަތިވެފައިވަނީ އެކްޓްރެސް ރާދިކާ މަދާން އާއެކު ދިން އިންޓަވިއުއެއްގައި، ރާދިކާ ވެސް މަސައްކަތް ކުރަނީ 8 ގަޑިއިރުތޯ ފަރާ ސުވާލުކުރުމުންނެވެ. އެ ސުވާލުގެ ޖަވާބުގައި ރާދިކާ ބުނީ، އޭނާ 56 ގަޑިއިރު ނުވަތަ 48 ގަޑިއިރު ވެސް ހުއްޓުމެއްނެތި މަސައްކަތް ކުރި ކަމަށެވެ.
ރާދިކާގެ ޖަވާބަށް ރައްދު ދެމުން ފަރާ ބުނީ، އޭނާވެސް ހަމައެކަނި 8 ގަޑިއިރަށް މަސައްކަތް ކުރުމާ ދެކޮޅު ކަމަށެވެ.
މީގެއިތުރުން ޑައިރެކްޓަރ ރޯހިތު ޝެޓީގެ ގެއަށް ފަރާ އޭނާގެ ޝެފް ދިލިޕް އާއެކު ކުރި ޒިޔާރަތެއްގައި، ފަރާއާ ބައްދަލުވޭތޯ އޭނާގެ މަންމަ އެއް އަހަރު ދުވަހު އިންތިޒާރު ކުރި ކަމަށް ރޯހިތު ބުންޏެވެ. އެއަށް ރައްދު ދެމުން ފަރާ ބުނީ، އޭނާގެ ފިލްމަކަށް އާނ އެކޭ ބުނަން ދިޕިކާވެސް އެހާ ދުވަސް ނުނަގާ ކަމަށެވެ.
ފަރާ ޚާންގެ މިފަދަ ބަސްތަކުގެ ސަބަބުން ދިޕިކާ ވަނީ ހިތްހަމަނުޖެހިގެން އޭނާ އިންސްޓަގްރާމުން އަންފޮލޯ ކޮށްފައެވެ. އަދި މިހާރު ފަރާވެސް ވަނީ ދިޕިކާ އަންފޮލޯ ކޮށްފައެވެ. ދިޕިކާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރް ސިންގް އަދިވެސް ފަރާ ފޮލޯ ކުރިކަމުގައިވިޔަސް، ފަރާ ވަނީ އޭނާވެސް އަންފޮލޯ ކޮށްފައެވެ.



