އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ 1:17 ހާއިރެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަންރީފް / އަލީ އަސްޢަރު (30އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން އަސްޢަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. މީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.




