ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ރިޓަޔާޑް މޭޖަ ޖެނެރަލް ހާމިދު ޝަފީގު، އެމެރިކާގެ ނެޝަނަލް ޑިފެންސް ޔުނިވާސިޓީ (އެންޑީޔޫ) ގެ އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ހިމެނިވަޑައިގެންފިއެވެ.
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އަކީ އެންޑީޔޫގެ ކުރީގެ ދަރިވަރުންގެ ތެރެއިން، ގައުމެއްގެ އަސްކަރިއްޔާ ނުވަތަ ސަރުކާރުގައި އެންމެ މަތީ މަގާމު އަދާކޮށްފައިވާ ދަރިވަރުންނަށް ބައިނަލްއަގުވާމީގޮތުން ދޭ އެވޯޑެކެވެ.
މިކަމާ ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހާމިދަށް އެ ސެޓްފިކެޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެންޑީޔޫގެ ރައީސް އެޑްމިރަލް ޕީޓާ އޭ ގާވިން އެވެ.
އެމްއެންޑީއެފްއަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ސިފައިންގެ ވަޒީފާއިން ހާމިދު ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7ވަނަ ދުވަހުއެވެ.



