މިއަހަރުގެ މިހާތަނަށް 91 ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބަހައްޓައި، 122،000 އަށްވުރެ ގިނަ މުއާމަލާތް އެ އޭޓީއެމްތަކުން ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަކީ ”މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް“ ގެ ނަމުގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ފެށި ޚާއްސަ މަޝްރޫއުއެކެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 91 ރަށެއްގައި ވަނީ އޭޓީއެމް ހުޅުވާފައެވެ.
މިއޭޓީއެމް މެދުވެރިކޮށް 122000 މުޢާމަލާތުކޮށްފައިވާކަމަށް ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މުއާމަލާތްތަކުގެ ފައިސާގެ ޖުމްލަ އަދަދު 313 މިލިއަން ރުފިޔާއަށް އަރާއިރު، ޖަމާކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 145 މިލިއަން ރުފިޔާއަށް އަރައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބީއެމްއެލްގެ އޭޓީއެމް ވިއުގައިން މާލޭގައި ދުވާލަކު 14،000 ޓްރާންސެކްޝަން ހަދައި 78 މިލިއަން ރުފިޔާ ދައުރުކުރެއެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9،000 ޓްރާންސެކްޝަން ހަދާއިރު ދައުރުކުރާ ފައިސާގެ އަދަދަކީ 25 މިލިއަން ރުފިޔާއެވެ.




