ކީރިތި ޤުރްއާން ކިޔެެވުމުގެ ޤައުމީ މުބާރާތުގެ އެކި ގޮފިތަކުން، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިންނަށް އެ މީހަކު ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ސްކޮލަޝިޕް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މިކަން ރައީސް މުޢިއްޒު މިއަދު ވަނީ ”އެކްސް“ މެދުވެރިކޮށް އިއުލާނު ކުރައްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި އެމަނިކުފާނު ވާނީ އިޢުލާނުކޮށްފައި ކަމަށެވެ.
”އެއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމައަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.
އަދި މުޅި މުބާރާތުން މި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



