’އޯޕަން ވީޒާ’ގެ ނަމުގައި ރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހަނދާންކޮށްދީފިއެވެ.
އިމިގްރޭޝަނުން ބުނީ މިކަން ހަނދާންކޮށްދީފައި ވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން، އެމީހުނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ’އޯޕަން ވީޒާ’ގެނަމުގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ބިދޭސީ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދޫކޮށްފައި ވަނީ ހަމައެކަނި އެމީހުންނަށް ވީޒާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އެކަނި ކަމަށެވެ.
އެހެންކަމުން، މިކަމަށް ސަމާލުވެ، ވަޒީފާދޭ ފަރާތްތަކުން އެމީހުންގެ މުވައްޒަފުން އެހެންތަންތަނަށް މަސައްކަތްކުރަން ނުފޮނުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަނިކޮށް ފާހަގަކުރެވިއްޖެނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް އަނބުރާ ފުރުވާލާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
ހަމައެހެންމެ ވަޒީފާ ދިން ފަރާތަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އިމިގްރޭޝަނުން ވަނީ ދީފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ.
އިމިގްރޭޝަނުން ބުނީ މި މަސައްކަތުގެ ތެރެއިން ހިންގޭ އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަން ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ’އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާ ކަމަށެވެ.
މިއީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
މިގޮތުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.




