ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންނަށް ފްލެޓު ހަވާލުކުރުމަށް، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތައް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ، މިމަހުގެ 28ވަނަ ދުވަހުގައެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެފްޑީސީން ބުނީ، މިހާތަނަށް 25 މީހަކާ ހައުސިން ޔުނިޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިތުރު 74 މީހުންނާ ތަޅުދަނޑި ހަވާލުކުރުމަށް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެންމެ ފުރަތަމަ ހަވާލުކުރަމުންދަނީ މި މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން، އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ހައުސިން ޔުނިޓްތަކެވެ.
ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއިކޮށްފައެވެ. ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. މިހާތަނަށް 3160 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި ހާހެއްހާ މީހުން ވަނީ ފްލެޓަށް ޑިޕޮސިޓް ދައްކާފައެވެ.




