މެރިން ރިސަރޗްގެ ދާއިރާއިން ފުރުޞަތު ފަހިކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް ސޮނޭވާ ސީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
އަދި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް، ސޮނޭވާ ސީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރ އޮފް ކޮންޒަވޭޝަނެވެ.
އެމްއެންޔޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ދެ މުއައްސަސާގެ މެދުގައި އެ ދާއިރާއިން ބޭނުންވާ ދިރާސާތައް ގުޅިގެން ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ސޮނޭވާއާގުޅިގެންކުރާ މަސައްކަތުގެ ތެރެއިން އެ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ފަހިކޮށްދިނުމަށް އެ ޔުނިވާސިޓީން ކުރާ މަސައްކަތްތަކަށްވެސް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް އެމްއެންޔޫ އިން ބުނެފައި ވެއެވެ.
އަދި މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް މެދުވެރިކޮށް މެރިން ބަޔޮލޮޖީ، އޯޝަނޮގްރަފީ އާއި ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދަރިވަރުންނަށް ތިއޮރެޓިކަލް ނޮލެޖާއި ހޭންޑް-އޮން ސްކިލްސް ފޯރުކޮށްދެވޭނެ ކަމަށް އެ ޔުނިވާސިޓީން ހާމަކުރެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ސޮނެވާ ސީއެސްއެމްގެ ދަށުން އެމްއެންޔޫގެ ދަރިވަރުންނަށް ރިސާރޗް ޕްރޮޖެކްޓްތަކާއި އިންޓާންޝިޕްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބި، މުރަކަ ފަރުތަކުގެ އިކޮލޮޖީއާއި މެރިން ކޮންޒަވޭޝަންގެ ތަޖުރިބާ ލިބިގެންދާނެ ކަމަށްވެސް އެ ޔުނިވާސިޓީން ހާމަކުރެއެވެ.



