މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ތިމާވެށީގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގެ ދަށުން ގޮނޑުދޮށް ސާފުކުރުމާއި، ’މަންސާ‘ ގެ ނަމުގައި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއެއް ހިންގާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން މިނިސްޓްރީން ބުނީ 3 އޮކްޓޯބަރ 2025 ގައި ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޮނޑުދޮށާއި ކަނޑުފަޅުގެ މާހައުލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބާރުއެޅުމެވެ.
މިގޮތުން މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ ކުނީގެ އޮޑިޓްއެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.
“މި ޕްރޮގްރާމްގެ ދަށުން އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރާއްކާތެރިގޮތެއްގައި މެނޭޖްކުރުމަށް ގެންދާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި އާއިއެކު، އެ ދުވަހުގެ ރޭގަނޑުގައި ’މަންސަ‘ ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ހިންގުމަށް ވަނީ ރާވާފައެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މި ހަރަކާތްތަކަކީ ދުނިޔޭގެ އަދި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާތާއި ގުޅުވައިގެން ހިންގާ ހަރަކާތްތަކެއް ކަމަށެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރެވެ. އަދި ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ގައެވެ.
މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ ’ފަތުރުވެރިކަމާއި ދެމެހެއްޓެނެވި ބަދަލު‘ މި އެވެ.



