ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، ޣައްޒާއަށް އެހީތެރިވުމަށް ކަނޑުމަގުން ޣައްޒާއަށް ވަންނަން ދަތުރުކުރާ ”ގްލޯބަލް ސުމޫދް ފްލޮޓީލާ“ ގެ އުޅަނދުތަކުގެ ކައިރިއަށް ގޮތް ނޭނގޭ އުޅަނދުތަކެއް ރޭ ފަތިހު ކައިރިކޮށްފިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ފްލޮޓީލާއާ ކައިރިކޮށްފައިވަނީ އިޒްރޭލު ކަނޑުގެ ސިފައިންގެ އުޅަނދުތަކެކެވެ.
ފްލޮޓީލާއިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އިޒްރޭލުން ކޮންޓްރޯލްކުރާ، ޣައްޒާއިން ފެށިގެން 150 ނޯޓިކަލް މޭލުގެ ސަރަހައްދަށް އުޅަނދުތައް ކައިރިވުމާއެކު، ގޮތް ނޭނގޭ އުޅަނދުތަކެއް ފްލޮޓީލާގެ އުޅަނދުތަކާ ކައިރިކުރިއެވެ.
އޭގެތެރެއިން ބައެއް އުޅަނދުތަކުގައި ނެވިގޭޝަން ލައިޓެއް ވެސް ނެތް ކަމަށާއި ޑްރޯންތައް ގިނައިން ފެންނަން ފަށާފައިވާ ކަމަށް ވެސް ފްލޮޓީލާއިން ބުނެފައިވެއެވެ.
ގާތްގަނޑަކަށް ފަންސާހަކަށް އުޅަނދުގައި، 46 ގައުމަކުން 497 މީހަކު މި ދަތުރުގައި ބައިވެރިވަމުން އަންނައިރު އޭގެ ތެރޭގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންނާއި އަދި އެކި ދާއިރާތަކުގެ މަޝްހޫރު އެކްޓިވިސްޓުން ވެސް ހިމެނެއެވެ.
ފްލޮޓީލާ މިހާރު އޮތް ހިސާބަކީ މީގެ ކުރިން ވެސް ފްލޮޓީލާއިން ކުރި ދަތުރުތައް އިޒްރޭލުން ހުއްޓުވައި އުޅަނދުތަކާއި މީހުން ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބެވެ.
ޔަހޫދީ އިޒްރޭލުން ބުނެފައިވަނީ ހަނގުރާމަ ކުރިއަށްދާއިރު ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވޭނެ ކަމަށާއި ޣައްޒާއަށް ވަންނަން ކުރާ މަސައްކަތް ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ.



