އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި އެއްވުމުގައި، ތަންތަނަށް ގެއްލުން ދިނުމަށާއި ޤާނޫނާ ހިލާފު އެނޫންވެސް އަމަލު ހިންގަން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވަނީ، މި މަހުގެ 3 ވާ އަންނަ ހުކުރު ދުވަހުގެ ރޭ 8:30ގައި އާޓިފިޝަލް ބީޗުގައި އިދިކޮޅު އެމްޑީޕީން ބާއްވަން ނިންމާފައިވާ މުޒާހަރާއާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ގާނޫނު ނަންބަރު 2013/1 ”ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު“ އާއި އެގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.
އެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.
”ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، އިސްވެ ދެންނެވުނު ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ. މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމުގައި މި ޚިދުމަތުން ދެކެން. މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން މި ޚިދުމަތުން ފުރުސަތު ނުދޭނަން“ ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން ވަނީ، ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ވެސް ގޮވާލާފައެވެ.
މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.


