މިދިޔަ އޯގަސްޓް މަހު 11،000 އަށްވުރެ ގިނަ ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޯގަސްޓް މަހު 11،651 ވޯކް ވިސާ ދޫކޮށްފައިވެއެވެ. އެގޮތުން ގިނަ ވޯކް ވިސާ ދޫކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންނެވެ. އެއީ 11،320 ވިސާއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަންގެ އޮފީސްތައް ގާއިމުކުރަމުންދާއިރު އެ އޮފީސްތަކުންވެސް ވިސާ ދޫކުރެއެވެ. އެގޮތުން އޯގަސްޓް މަހު ރީޖަނަލް އޮފީސްތަކުން 331 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
އޯގަސްޓް މަހު އިމިގްރޭޝަނުން ދޫކުރި އެހެން ވިސާތައް:
° ވިޔަފާރި ވިސާ 1،150
° ޑިޕެންޑެންޓް ވިސާ 287
° ޚާއްސަ ވިސާ 140
ސްޓޫޑެންޓް ވިސާ 31
° ސްޕޮންސަރޝިޕް ޑެކްލަރޭޝަން ވިސާ 398
° އެހެނިހެން ބާވަތްތަކުގެ ވިސާ 684
އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޯގަސްޓް މަހު 129 ބިދޭސީން ވަނީ އެކި ސަބަބުތަކާހުރެ ޑީޕޯޓްކޮށްފައެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި އެކި ކުށްތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީންނާއި ވިސާއާ ޚިލާފުވި 87 ބިދޭސީއަކު ހިމެނެއެވެ.




