ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އެމްއެންޑީއެފުން މިއަދު ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުންފަދަ ކަންކަން ގިނަވުމުން، ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމުގައި އެމްއެންޑީއެފްއިން ބުންޏެވެ.
އެގޮތުން، މި އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކުރެވިފައި ވޭތޯ ބަލަމުން ގެންދާނެ ކަމަށާއި އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެ ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ.




