އަންނަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ، މާލެތެރެ ހަލަބޮލިކުރަން އުޅޭ ކަމަށް ބުނެ ފުލުހުން މިއަދު ބަޔާން ނެރެފައިވަނިކޮށް، އެ ހަރަކާތުގައި އެފަދަ ކަމެއް ކުރަން ރާވާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ ”ލޫޓުވައިފި ލޫޓުވައިފި“ އެއްވުމަށް ހުރަސް އެޅުމުގެ ބޭނުމުގެ ބޭނުމުގައި ފުލުހުން ބަޔާން ނެރުނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށާއި އެއްވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަންގާފައި ކަމަށް އަދި އެ ރޫޓަށް އެމްޑީޕީން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.



