ރާއްޖޭގައި ކިޔަވައިދޭން ހުއްދަ ދީފައިވާ ކޯސްތަކެއް ބޭރުގެ މަރުކަޒުތަކެއްގައި ކިޔަވައިދީ، ބޭރުގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދިން މައްސަލަތަކެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްކިޔުއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމައެކަނި ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ކޯސްތަކެއް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މަތީތައުލީމުދޭ މަރުކަޒަކުން ރާއްޖެއިން ބޭރުގައި ހިންގުމަށްފަހު ބޭރުގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދިނުމުން، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން އެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން އެމްކިޔުއޭގައި އެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭގައި އެދިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ނަމަވެސް ރާއްޖޭގައި ހުއްދަ ދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމާއި ސެޓްފިކެޓް ދިނުމަށް މަތީ އެއްވެސް މަރުކަޒަކަށް ހުއްދަ ދީފައި ނުވާނެ ކަމަށް ވެސް އެމްކިޔުއޭއިން ބުންޏެވެ.
އެމްކިޔުއޭއިން ބުނީ ރާއްޖޭގައި ކިޔަވައިދޭން ހުއްދަ ދޫކޮށްފައިވާ ކޯސްތަކެއް ރާއްޖެއިން ބޭރުގައި ކިޔަވައިދީފައި ވަނީ ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީއަކުން ކަމަށެވެ. ނަމަވެސް އެއީ ކޮންތަނެއްކަން އެ އޮތޯރިޓީން ހާމަކޮށްފައެއް ނުވެއެވެ.



