ނ. އަތޮޅުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން، ވެލިދޫ ހަތް ގެއާއި މިލަދޫ ގެއެއްގެ އިތުުރުން ފޮއްދޫ ކައިރީގައި އަޅާފައި އޮތް ކަޓަމަރާންޏެއް ބަލައިފާސްކޮށްފައިވެއެވެ.
“އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (11.66 ގުރާމު) އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 10500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / އިލާ، ޢަބްދުﷲ ޢަލީ (30އ) އާއި ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (29އ) އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ގެންގުޅެ އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޢަލީ ފަސް ދުވަހަށް އަދި މުޙައްމަދު މާޢިދު ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.




