ދިރިއުޅުމުގެ ހަގީގަތްތައް ދަސްވަނީ ގިނަ ދުވަހު ދުނިޔެ އުޅެ ލިބޭ ތަޖްރިބާތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ތަހުނިޔާފޮނުއްވައި، އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދޮށީ އުމުރުގެ މާމަކާފައިންނާއި މައިންބަފައިންގެ އިތުރުން ދައްތައިންނާއި ބޭބެއިންގެ ހިތްހެޔޮ ސާދާ މިޒާޖާއި، ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭ ކަމަށެވެ.
އެކަމަނާގެ ޕޯސްޓު ނިންމަވާލައްވާފައި ވަނީ، އަޅުގަނޑުމެންނަކީ އިސްރަށްވެހީންނަށް ޙައްޤު އިޙްތިރާމާއި ޤަދަރުކުރާ، އޯގާތެރި މުޖްތަމަޢެއްގެ އަހުލުވެރީން ކަމުގައި ލެއްވުންއެދި މާތްﷲގެ ހަޒްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިސްރަށްވެހިންގެ ދުވަހެވެ.
މިއަހަރުގެ އިސްރަށްވެހިންގެ ދުވަހުގެ ޝިޢާރަކީ ”ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން: އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް“ މިއެވެ.



