ފަންސާސް ބުރީގެ ބޮޑު އިމާރާތެއް އިމާރާތް ކުރުމަށްވުރެ، ދީނާއި ޤައުމުދެކެ ލޯބިވާ ޒުވާނެއް ބިނާ ކުރުމަކީ މާ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ވަޠަނީ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާއީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާހު ކުރެއްވުމުގެ ގޮތުން ދިވެހި ވަޠަނީ ހިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒި ވިދާޅުވީ، ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންކަމަށެވެ.
”އަދި 50 ބުރީގެ ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެ، ޤައުމުދެކެ ލޯބިވާ އިސްލާމް ދީން ދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، މާ މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެން“ ރައީސް ވިދާޅުވިއެވެ.
ތަމްރީނުގެ ބައިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ، މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަޤުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ޤައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ހިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު މި ފެށި، ނޭޝަނަލް ސަރވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ.
މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އަދި ފަސްޓް އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.



