މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ހިންގާ ކޯސްތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިން ހިންގުމުގެ ހުއްދަ ދީފިއެވެ.
އެ ހުއްދަ ދިނުމުގެ ގޮތުން އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހުރާ މުހައްމަދުއެވެ.
އެމްއޭސީއެލުން މިއަދު ބުނީ މި އެއްބަސްވުމުގެ ސަބަބުން އެމްއެންއެސްޑީއޭ އިން ހިންގާ ގައުމީ ސެޓްފިކެޓް ލެވެލްގެ ހުރިހާ ކޯހެއް އެމްއޭސީއެލްގެ ޓްރެއިނުންނާއެކު އެއިމް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ލިބުުނު ފުރުސަތެއް ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
އަދި މިއީ ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށާއި އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.



