ހުޅުމާލޭގައި 24 މީހުންގެ ހަށިގަނޑު ލެވޭވަރުގެ މޯޗަރީއެއް ތަރައްޤީ ކުރުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިހާރު ބޭނުން ކުރަމުން އަންނަ ގަލޮޅު މޯޗަރީގެ ޖާގަ މާ ބޮޑަށް ކުޑަވުމުގެ ސަބަބުން، މާލެ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން، 24 މީހުންގެ ހަށިގަނޑު ލެވޭ ވަރުގެ މޯޗަރީއެއް، ހުޅުމާލޭގައި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީން ހުއްދަ ދީފައިވާ ކަމަށެވެ.
ހުޅުމާލެ ސަހަރާގެ ދެކުނު ފަރާތުގެ ބޮޑުމަގުން، އެމްބިއުލާންސަށް ވަދެވޭގޮތަށް ތަރައްޤީ ކުރާ މި މޯޗަރީގެ ބޮޑުމިނަކީ 2000 އަކަފޫޓެވެ.
އަދި އެ މޯޗަރީ ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލުމަށް އަންނަ ހަފްތާ އިޢުލާން ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ސިޓީ ކައުންސިލުން މި އައު މޯޗަރީ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ދެ މުވައްޒަފުންނަށް ދިރިއުޅެވޭނެ އެކޮމޮޑޭޝަނަކާ ވެސް އެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ފޮރޮޅު ލީ ގޮނޑީގައި ވަދެވޭގޮތަށް ކަމަށެވެ.
މީގެ އިތުރުން މި ޢިމާރާތުގައި، އޮފީހަކާއި، ވެއިޓިން އޭރިއާއެއްގެ އިތުރުން، ފާހާނަ ބަރިއެއް ވެސް ތަރައްޤީ ކުރާނެ ކަމަށް، މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
މިހާރު ބޭނުން ކުރަމުންއަންނަ ގަލޮޅު މޯޗަރީގެ ކެޕޭސިޓީއަކީ 12 ޖާގައެވެ.
އެ އިމާރާތް މިހާރު ވަނީ ވަރަށް ބޮޑަށް ބާވެ، ވީރާނަވާން ފަށައިފައެވެ.
ގަލޮޅު ސަހަރާގައި 1975 ވަނަ އަހަރު ހިންގަން ފެށި މި މޯޗަރީއަކީ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެކެވެ.




