މި އަހަރު ނިމުމުގެ ކުރިން މާލެ ސިޓީގައި 3000 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެ ފްލެޓްތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަކީ އެ މަނިކުފާނު ރައްޔިތުންނަށްވީ އެންމެ ބޮޑު އެއް ވައުދު ކަމަށާއި މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީވެސް ބޯހިޔާވަހިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން ތަފާތުކުރާނެ ސަރުކާރެއް ނޫން ކަމަށެެވެ.
މިގޮތުން ކުރީ ސަރުކާރުން އެޅި ފްލެޓްތައް ވެސް އެއްވެސް އުނިއިތުރެއް ނުގެނެސް ވައުދުވެވަޑައިގެންނެވި ގޮތަށް ހަވާލުކުރަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



