މާލެ ސަރަހައްދުގައި ހުންނަ އިމާރާތްތަކުގެ ބޮޑުމިން ފެންނަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.
އެ ލޭންޑް އިންފޮމޭޝަން ސިސްޓަމް ރަސްމީކޮށް ތަޢާރަފުކޮށްފައި ވަނީ، މާލެ ސިޓީ ކައުންސިލްގައި މިކަމަށް ޚާއްޞަކޮށްގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ބިންތަކުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ މި ނިޒާމު މިއަދު ޢާންމުކުރެވިގެން މިދަނީ، މިވަގުތު މާލެ ސިޓީ ކައުންސިލަށް ލިބެން ހުރި ޑޭޓާބޭސްއަށް ބިނާކޮށް ކަމަށެވެ.
އަދި މި ނިޒާމަކީ މިވަގުތަށް މުޅިން ފުރިހަމަ ނިޒާމަކަށް ނުވިޔަސް، ކުރިއަށް އޮތް ތަނުގައި ރާވާފައިވާ މަސައްކަތްތަކާއެކު މި ނިޒާމު އިތުރަށް ފުރިހަމަވެ، ޕްލޭންކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ޕްލެޓްފޯމެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މި ސިސްޓަމްގެ ސަބަބުން، މާލެ ސިޓީގެ ގޭބިސީތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ބައެއްގެ ގެދޮރާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގަނެވޭނެކަމަށެވެ.
މި ނިޒާމު ފައްކާވެގެންދާއިރު ގޯތީގައި ހިންގާ ވިޔަފާރިތަކާއި، ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ، އެ މަޢުލޫމާތުތައް ވެސް މި ޕޯޓަލްގައި ހިމެނޭނެއެވެ. ނަމަވެސް، މި މަޢުލޫމާތުތަކުގައި ޒާތީ މަޢުލޫމާތުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީވެ، މި ޕޯޓަލްގެ ބައެއް މަޢުލޫމާތު ލިބޭނީ ’އީފާސް‘ މެދުވެރިކޮށް އެމީހެއްގެ މަޢުލޫމާތު އެމީހަކަށް އެކަނި ކަމަށް މޭޔަރު ޢާޒިމް ހާމަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން ތައްޔާރުކުރި މި މަޢުލޫމާތުތަކުގެ ތެރޭގައި، ލޭންޑް އޮޑިޓުގައި ހިމެނޭ ބިންތަކާއި އެ ބިން ބޭނުންކުރަމުންދާ ގޮތް ދައްކުވައިދޭ ޗާޓުތައް ހިމެނެއެވެ.
މީގެ އިތުރުން، ވިލިމާލޭގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ވެސް، ޑްރޯން އިމޭޖިނަރީ ބޭނުންކޮށްގެން، އެ ބިންތައް ވަކިވަކިން ދެނެގަނެވޭނެ ގޮތަށް ޖިއޯރިފަރެންސް މަޢުލޫމާތުތަކާއެކު ވަނީ ހިމަނާފައެވެ.
ލޭންޑް އިންފޮމޭޝަން ސިސްޓަމް (LIS) މިހާރު ވަނީ، މާލޭގައި ހިމެނޭ ހުރިހާ ކޮށިތަކުގެ ބޮޑުމިނާއި، އެ ކޮށިތަކުގެ ތެރޭގައިވާ ގޯތިތަކުގެ ބޮޑުމިން ފެންނާނެ ގޮތަށް އަދާހަމަ ކުރެވިފައެވެ
މާލެއާއި ވިލިމާލޭގެ ގެތަކުގެ ޢަދަދާއި، ސުކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކުގެ މަޢުލޫމާތުގެ އިތުރުން، ބިން ބޭނުންކުރެވިފައިވާ އެހެނިހެން ބާވަތްތަކުގެ މަޢުލޫމާތުވެސް ވަކިވަކިން މި ސިސްޓަމުން ފެންނަން ހުންނާނެއެވެ.



