ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ”އަމާން އުދަރެސް“ ޓަވަރ 14 އަށް ފެނުގެ ހިދުމަތް މިއަދު ދޭން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަމާން އުދަރެސް ޓަވަރު 14 އަށް މިއަދު ފެނުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ފްލެޓު ލިބިފައިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ރަސްމީ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް އެ ޓަވަރުގައި ހުންނަ ހެލްޕް ޑެސްކަށް ދިޔުމަށް ވެސް ފެން ކުންފުނިން ވަނީ ބުނެފައެވެ.
ހުޅުމާލޭ ފޭސް 2ގައި ފަހިދިރިއުޅުން ކޯޕަރޭޗަން، އެފްޑީސީން ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެގޮތުން މަތީން ވިދާޅުވީ، ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިއީ އެޓަވަރުތަކަށް މީހުން ބަދަލުވާއިރު، އެތަނުގައި ދަތިކަމެއް ނެތި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ.




