އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ޓައި ނާޅާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާތީ އެކަން ހުއްޓުވުމަށްޓަކައި މަޖިލީހުގެ ގަވައިދު އިސްލާހެއް ގެންނަން ނިންމައިފިއެވެ.
އިހުތިޖާޖެއްގެ ގޮތުން އިދިކޮޅު ބައެއް މެންބަރުން މަޖިލިސް ޖަލްސާއަށް ޓައީ ނާޅާ ވަޑައިގަންނަވަން ފެއްޓެވީ ދައުރުން ބޭރުން މިދިޔަ މަހުގެ 15ވަނަ ދުވަހު ބޭއްވި ޖަލްސާއަށް ފަހުގައެވެ.
އެއަށްފަހު ޗުއްޓީއަށްފަހު މިއަދު އަލުން މަޖިލިސް ޖަލްސާތައް ފަށާފައިވާއިރު، މިއަދުވެސް ބައެއް އިދިކޮޅު މެންބަރުން ވަޑައިގެންނެވީ ޓައީ ނާޅައެވެ.
ޓައީ ނާޅާ މަޖިލިސް ޖަލްސާއަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނިވަޑައިގަންނަވައެވެ.
އެ ދެ މެންބަރުން މިއަދު ވެސް ޓައީ ނާޅާ ޖަލްސާއަށް ވަޑައިގަތުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޓައީ އެޅުމުގެ މައްސަލައިގައި، ގަވައިދު އިސްލާހުކޮށްގެން އެއަށް އަމަލު ކުރާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ގަވައިދު އިސްލާހު ކުރަނީ ޓައި ނާޅާ މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވެވޭނެ ގޮތަކަށް ކަމެއް ނުވަތަ ނޫން ކަމެއް އަބްދުއްރަހީމް ވިދާޅެއް ނުވެއެވެ.



