ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލި ނެޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓަޖީ އިފްތިތާހުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްޓްރެޓަޖީ އިފްތިތާހްކޮށްދެއްވީ ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސާރވިސަސް ޑރ. އަހްމަދު އަޝްރަފް އެވެ. މި ހަފްލާގައި ހެލްތު މިނިސްޓްރީ އަދި ޑަބްލިއުއެޗްއޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ސްޓްރެޓެޖީގެ މަޤްސަދަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ޢަމަލުތައް ހުއްޓުވުމަށް ސިޔާސަތުތައް ބައްޓަންކުރުމާއި، އިޖްތިމާޢީ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.
އަދި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކުރުމާއި ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަތުމާއި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުން އޭގެ މަގްސަދުގައި ހިމެނެއެވެ.
މީގެއިތުރުން ޑިޖިޓަލް އަދި މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމާއި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް މި ސްޓްރެޓެޖީ ތެރެއިން އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ރާއްޖޭގައި ހެދިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ގެވެށިއަނިޔާ ތަޖުރިބާކުރި އަންހެނުންގެ ތެރެއިން %18.7 އަންހެނުން އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅެފައިވާއިރު ގެވެށިއަނިޔާ ތަޖުރިބާކުރި އަންހެނުންގެ ތެރެއިން %14 އަންހެނުން ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ.
ހަމައެހެންމެ ރާއްޖޭގައިވެސް ކޮންމެ 20 މީހަކުން އެކަކު، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ނުވަތަ އަމިއްލައަށް މަރުވުމުގެ ޚިޔާލު ހުންނަކަން ފާހަގަވެފައި ވެއެވެ.




