ވޭޕްގެ އެކި މައްސަލަތަކުގައި މިދިޔަ މަހު 24 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ސެޕްޓެންބަރު މަހުގެ ވޭޕާއި ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭޕާއި ގުޅުންހުރި 13 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެގޮތުން ރިޕޯޓުކުރި 13 މައްސަލައިގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕާއި އެފަދަ އާލާތްތައް ގެންގުޅުމުގެ 6 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 3 މައްސަލައެއްގެ އިތުރުން ވޭޕާ ގުޅޭ އެހެނިހެން 4 މައްސަލައެއް ހިމެނެއެވެ.
އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 24 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
އަދި މި މައްސަލަތަކުގައި ޖުމްލަ 136،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މީގެތެރޭގައި ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނުކަމުގެ 10 މައްސަލައެއްގައި ވަނީ 41،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ހަމައެހެންމެ ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން 14 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި 95،500 އަރާކަމަށްވެސް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15އިން ފެށިގެން ވަނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި، ގެންގުޅުމާއި ވިއްކުންވެސް މަނާ ކޮށްފައެވެ. އަދި ވޭޕް ބޭނުންކުރާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ޤާނޫނުގައި ވެސް ހިމަނާފައިވެއެވެ.
ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.
އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.



