ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް އިސްލާމިކް މިނިސްޓްރީން ދޭ އިނާމުތައް ކަނޑައަޅައިފިއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ ޤުރުއާން މުބާރާތުން ޙާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނައަށް އަންނަ ބައިވެރިއަކަށް ހަތްދިހަ ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައެވެ.
ކޮންމެ ގޮތްޕަކުން ދެ ވަނައަށް އަންނަ ބައިވެރިއަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމު އަދި ކޮންމެ ގޮތްޕަކުން ތިން ވަނައަށް އަންނަ ބައިވެރިއަކަށް ތިރީސް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޤައުމީ ޤުރްއާން މުބާރާތުގެ މައި އިނާމުގެ ގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމުތަކެވެ.
މިނިސްޓްރީން ދޭ އިނާމުތަކަކީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ އިނާމުތަކުގެ އިތުރުން ދޭ އިނާމުތަކެކެވެ.
މި އިނާމުތަކުގެ އިތުރުން ރަންވަނަތަކަށް ދާ ބައިވެރިންނަށް ޢުމްރާ ދަތުރު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެ ފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މުޅި މުބާރާތުން ތިން ބައިން އެއް ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ތަނަކަށް، ރައީސްގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދިނުމަށް ވަނީ ނިންމަވާފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.



