އާންމުންނަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އާންމު ކޮމިޓީން އިސްލާހު ގެނެސް މަޖިލީހުގެ ރައީސަށް ފޮނުވުމަށްފަހު އެއަށް އިތުރު އިސްލާހު ގެންނަންޖެހޭ ކަމަށްބުނެ ގަވާއިދުގެ އެ ބައި އަލުން ކޮމިޓީއަށް ފޮނުވައިފިއެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ ނައިބު މުގައްރިރު އަދި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ އީޕެޓިޝަން ހިމެނޭގޮތުން މަޖިލީހަށް އާންމުން ފެޓިޝަން ހުށަހެޅޭގޮތަށް މަޖިލިސް ގަވާއިދުގެ 51 ވަނަ ބާބުގައި ޕެޓިޝަން ހުށަހަޅަން ހިމެނޭ އުސޫލުތަަކަށް އިސްލާހު ގެންނަންޖެހޭ ކަަމަށެވެ.
ގަވާއިދަށް އެ އިސްލާހު ގެނެސް މަޖިލީހުގެ ރައީސަށް ފޮނުވާފައިވާތީ އިތުރު އިސްލާހު ގެނައުމަށް ގަވައިދުގެ އެބައި އަނބުރާ ކޮމިޓީއަށް ގެންނަން ވަނީ ހުށަހަޅާފައެވެ.
މަޖިލީހުގެ މިހާރުގެ ގަވާއިދުގައި އޮންނަ ގޮތުން ނަމަ ރައްޔިތުންނަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ މަޖިލިސް މެންބަރެއް މެދުވެރިކޮށެވެ.
ނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައިވާގޮތުން މެންބަރެއް މެދުވެރިނުކޮށް ވެސް ރައްޔިތުންނަށް ޕެޓިޝަން ހުށަހެޅޭނެއެވެ.
އަދި މަޖިލީހަށް ކަރުދާސް ޕެޓިޝަން ނުވަތަ އީ ޕެޓިޝަން ވެސް ހުށަހެޅޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.




