މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރާ ސްކޭޓް އެރީނާގެ ބިންގާ މިއަދު އަޅައިފިއެވެ.
އުސްފަސްގަނޑުގައި ތަރައްޤީކުރާ އެ ސްކޭޓް އެރީނާގެ މަސައްކަތަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެ ސްކޭޓް އެރީނާގެ މަސައްކަތް ނިމޭއިރު އެތަނުގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭނެއެވެ.
މި ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިތުރުން އާރްސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއާއި ސްޕޯޓްސް މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ސްކޭޓަރުންނާއި ބެލެނިވެރިންވެސް ބައިވެރިވެފައި ވެއެވެ.




