ސައިޓިސް ކޮޕް20 އަށް ތައްޔާރުވުމުގެ ގޮތުން ލަނޑާ ގިރާވަރުގައި ތިން ދުވަހުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން މިއަދު ބުނީ ކުރިއަށް އޮތް ސައިޓިސް ކޮޕް20 (CITES COP20) އަށް ތައްޔާރުވުމުގެ ގޮތުން، 17 ގައުމުގެ މަންދޫބުންނާއި 9 މާހިރުން ބައިވެރިވި ތިން ދުވަހުގެ މުހިންމު ބައްދަލުވުމެއް ފޯ ސީޒަންސް ރިސޯޓް ލަނޑާ ގިރާވަރުގައި ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމަކީ، ނުރައްކަލުގެ ތެރޭގައިވާ ދިރުންތަކުގެ ބައިނަލްއަޤުވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމަށް އޮންނަ މުހިންމު މުއާހަދާ ކަމަށްވާ ސައިޓިސްގެ ކުރިއަށް އޮތް ބައްދަލުވުމަށް އެކި ގައުމުތަކުން ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ސައިޓިސް ކޮޕް20 ގައި މަޝްވަރާ ކުރެވޭނެ އެކި މައްސަލަތަކާއި، ގައުމުތަކުން ހުށަހަޅާ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރުމަށްޓަކައި އެއްބަސްވުންތަކަށް އައުމެވެ.
“މީގެ ތެރޭގައި ނުރައްކަލުގެ ތެރޭގައިވާ ދިރުންތައް ރައްކާތެރި ކުރުމަށް ބޭނުންވާ ފިޔަވަޅުތަކާއި، މި ދިރުންތަކުގެ ވިޔަފާރި ގަވާއިދުން ބެލެހެއްޓުމަށް ބޭނުންވާ އުސޫލުތަކާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވޭ“ މިނިސްޓްރީން ބުނެފައި ވެެއެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ބައިވެރިވި 17 ގައުމުގެ މަންދޫބުންނާއި، ދިރުންތައް ރައްކާތެރި ކުރުމުގެ ދާއިރާގެ 9 މާހިރުން ވަނީ، ސައިޓިސް މުއާހަދާގެ ދަށުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެކި ގޮތްތަކުގެ މައްޗަށް ހިޔާލު ބަދަލުކޮށްފައި ކަމަށެވެ.
މި ބައްދަލުވުމުގެ ސަބަބުން ސައިޓިސް ކޮޕް20 އަށް ގިނަ ގައުމުތަކަކަށް ރަނގަޅަށް ތައްޔާރުވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ބައިވެރިން ބުނެފައި ވެއެވެ.




