ޕްރައިމަރީ ހެލްތު ކެއަރ ނިޒާމްގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 24773 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީން ކޮށްފައިވާކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭ އާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތަކުގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމް ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 11 އަތޮޅެއްގެ ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދީފައިވާ ކަމަށެވެ.
އެއީ ފ، އދ، ނ، ޅ، ތ، މ، ބ، ދ، ރ، ގދ، ފުވައްމުލައް ސިޓީ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނުތައް 2026 ވަނަ އަހަރުގެ ފުރަތަމަ 4 މަސް ތެރޭގައި ނިންމުމަށް އެޗްޕީއޭއިން ރާވާފައިވާ ކަމަށެވެ.
“މިހާރު މަސައްކަތް ފަށާފައިވާ އަތޮޅުތަކުގައި އުމުރުން 35 އަހަރުން މަތީގެ މީހުން ގައިން ގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށް އެ މައުލޫމާތުތައް ބެލެހެއްޓެމުގެ މަސައްކަތް ދަނީ ކުރަމުން“ އެޗްޕީއޭ އާ ހަވާލާދީ މިނިސްޓްރީން ބުނެފައި ވެއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި ސެޕްޓެމްބަރުމަހުގެ ނިޔަލަށް 11 އަތޮޅަކުން 24773 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ވަނީ ސްކްރީން ކޮށްފައެވެ.
މީގެ ތެރޭގައި 4461 ލޭ މައްޗަށް ދާ މީހުން ރިކޯޑް ކުރެވިފައިވާކަމަށް އެޗްޕީއޭ އާ ހަވާލާދީ މިނިސްޓްރީން ބުނެފައި ވެއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ %84 އަކީ މިފަދަ ބަލިތައް ތަޙައްމަލު ކުރާ މީހުންކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.
ޚާއްސަކޮށް ރާއްޖޭގައި ކެންސަރާ ކިޑްނީ ބައްޔާއި ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން އަންނަނީ އިތުރުވަމުންނެވެ.
މި ބަލިތަކަށް ހުށަހެޅެނޭ ސަބަބުތަކުގެ ތެރޭގައި މިން ހެޔޮ ކާނާ ނުކެއުމާއި ހެލިފެލިވެނޫޅުމުގެ ސަބަބުން މިފަދަ ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާކަން ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ. އެހެންކަމުން މިފަދަ ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ކުރިން މިކަން ކަން ދެނެގަތުމަށް ޕްރައިމަރީ ހެލްތްކެއަރ ނިޒާމު މުހިންމުވެއެވެ.
ޕްރައިމަރީ ހެލްތު ކެއަރ ނިޒާމް ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ވަރުގަދަކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި އާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މި މެޑިކަލް ހިސްޓްރީގައި ކޮންމެ ރައްޔިތެއްގެވެސް މިހާތަނަށް ކުރެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރިކޯޑުކުރެވޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ސިއްޙީ ޚިދުމަތްތެރީން ގޭގެއަށް ޒިޔާރަތްކޮށް، ސިއްޙީ މަޢުލޫމާތު ފޯރުކޮށް، އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.



