އައްޑޫ ސިޓީ ހިތަދޫގައި ’އަހަންނަކީ ނޫސްވެރިއެއް‘ ޕްރޮގްރާމް ފަށައިފިއެވެ.
މިއީ ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މަޤްޞަދަކީ، ރާއްޖޭގެ މުޖްތަމަޢުގައި ހިނގާ އެކި ކަންކަމަށް ޒުވާނުންގެ މެދުގައި ހޭލުންތެރިކަމާއި ފާޑުކިޔުންތެރި ވިސްނުން ކުރިއެރުވުން ކަމަށެވެ.
އައްޑޫގައި ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގުރާމްގައި އައްޑޫ ސިޓީގެ އެކި ރަށްތަކުން ޖުމްލަ 37 މީހުން ވަނީ ބައިވެރިވެފައެވެ.
އޭގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި އެ ސަރަޙައްދުގައި ހިންގާ އޮންލައިން ނޫސްތައް ހިމެނެއެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޝަމްޢާން ވިދާޅުވީ، އައްޑޫގައި ކުރިއަށްދާ ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޚަބަރު ފެތުރުމާއި ޚަބަރު ފެތުރުމުގައި ޒިންމާދާރު ވާންވީ ގޮތްތަކާއި އަޚްލާޤީ މިންގަނޑުތަކުގެ މައްޗަށް ކަމަށެވެ.
އަހަންނަކީ ނޫސްވެރިއެއް‘ އަކީ ތަޢުލީމީ އަދި މުޖުތަމަޢު ބިނާކޮށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އަދި ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށަށް ވެސް މި ޕްރޮގްރާމް ތަޢާރަފް ކުރުމަށް ވަނީ ރާވާފައެވެ.
އައްޑޫސިޓީގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ، އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދާ 4 ވަނަ ޕްރޮގުރާމެވެ. މީގެ ކުރިން، ތުލުސްދޫ ، ފުވައްމުލައް، ރ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ.



