އިދިކޮޅު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދަން ނިންމި ބޮޑު މުޒާހަރާ ފަށައިފި އެވެ.
ދިވެހި ދިދަ އާއި އެމްޑީޕީގެ ދިދަ ހިފައިގެން ގިނަ ބަޔަކު އާޓިފިޝަލް ބީޗަށް ޖަމާވެފައި ވާއިރު އެ އެއްވުން ފަށާފައި ވަނީ މިރޭ ނުވައެއް ޖެހިއިރުއެވެ.
މި އެއްވުމުގައި އެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެ އެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އަށް އައިސްފައި ވެއެވެ.
އެ އެއްވުމުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން މިހާރު ދަނީ ވާހަކަ ދައްކަވަމުންނެވެ.
އެއްވުމުގައި ބައިވެރިވި އެ ޕާޓީގެ ލީޑަޝިޕުގެ އިސްބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނެއެވެ.




