އިދިކޮޅު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދާ މުޒާހަރާގައި އެއްބަސްވެފައިވާގޮތާ ޚިލާފުވެ، މަގުތަކަށް ނިކުމެއްޖެއެވެ.
ދިވެހި ދިދަ އާއި އެމްޑީޕީގެ ދިދަ ހިފައިގެން ގިނަ ބަޔަކު އާޓިފިޝަލް ބީޗަށް ޖަމާވެފައި ވާއިރު އެ އެއްވުން ފަށާފައި ވަނީ މިރޭ ނުވައެއް ޖެހިއިރުއެވެ.
މި އެއްވުމުގައި އެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެ އެއްވުމަށް ރަށްރަށުން ވެސް މީހުން މާލެ އަށް އައިސްފައި ވެއެވެ.
އެ ޕާޓީގެ ލީޑަޝިޕްގެ އިސްވެރިންވެސް ބައިވެރިވި އެ މުޒާހަރާގައި އެ އެއްވުން ކުރިއަށްގެންދިއުމަށް ފުލުހުންނާއެކު އެއްބަސްވެފައިވާގޮތާ ޚިލާފުވެ އެއްވުމުގެ ބައިވެރިންވަނީ މަޖީދީމަގާ ދިމާލަށް ނިކުމެ ފުލުހުންނާ ކުރިމަތިލާން ފަށާފައެވެ.
އެ ޕާޓީން ފުލުހުންނާއެކު އެއްބަސްވެފައި ވަނީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި އެ އެއްވުން ކުރިއަށް ގެންދިއުމަށެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުން މަގު ބަންދުކުރަން ބަހައްޓާފައި ހުރި ބައެއް ބެރިކޭޑްތައް ފޫއަޅުވާލައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ޒިންމާތަކަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންނެވެ.
ނަމަވެސް ފުލުހުން އަމަލު ކުރަމުންދަނީ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.



