އިދިކޮޅު އެމްޑީޕީން ރޭ މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ”ލޫޓުވައިފި“ މުޒާހަރާގައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުގެ ސަބަބުން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ރޭގެ މުޒާހަރާގައި 8 މީހަކު ހައްޔަރު ކުރި ކަމަށާއި އެމީހުންގެ ބަންދާމެދު ނިންމި ގޮތް ކުޑައިރުކޮޅަކުން ހިއްސާ ކުރާނެ ކަމަށެވެ.
ރޭގެ މުޒާހަރާގައި ފުލުހުންނާއި އާންމުންގެ ކުރިމަތިލުންތަކެއް ވެސް ދިޔައެވެ. އަދި ސުލްހަވެރި އެއްވުމެއް ކަމުގައި ބުނިނަމަވެސް، މުޒާހަރާގެ ބައެއް ބައިވެރިންވަނީ ފުލުހުންނާ ދިމާލަށް ގަލާއި ހުސްފުޅިވެސް އުކާފައި ކަމަށް، ފުލުހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ފުލުހުން އިތުރަށް ބުނެފައިވަނީ، އަމުރަށް ނުކިޔަމަންތެރިވެ، މާލެ ތެރެ ހަލަބޮލި ކޮށްލި އެ އެއްވުން ރޭވުމުގައި ހިމެނޭ އެންމެންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.




