ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާންވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ޤައުމީ ބްރޯޑްކާސްޓިންގް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭން ޖެހޭ ޚިދުމަތެއް ކަމަށެވެ.
އަދި ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމަށާއި ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޤައުމީ ބްރޯޑްކާސްޓިންގް ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހެވެ.
މިދުވަސް ފާހަގަ ކުރަން ނިންމީ، މިހާރު އުވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން 2013 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުއެވެ.
މި ދުވަހަކީ ބްރޯޑްކާސްޓަރުން ކުރަމުންދާ ހިދުމަތުގެ އަގުވަޒަން ކުރުމަށާއި، ޤައުމު އިތުރަށް ހަރުދަނާ ކުރުމުގައި ބްރޯޑްކާސްޓަރުންގެ ދައުރު ބޮޑުކަންވެސް ފާހަގަ ކުރުމުގެ ގޮތުން ކަމުގައި އެއިރުގެ ބްރޯޑްކޮމްގެ ރައީސް މުޙައްމަދު ޝަހީބް، މިދުވަސް އިފްތިތާހު ކުރައްވަމުން އެއިރު ވިދާޅުވެފައިވެއެވެ.




