އިދިކޮޅު އެމްޑީޕީން މުޒާހަރާކުރުމުގެ ނަމުގައި ހިންގާފައިވަނީ ޤާނޫނާއި ހިލާފު، ހަމަނުޖެހުން އުފެއްދުމުގެ ޢަމަލުތަކެއް ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ބުނެފިއެވެ.
ޕީއެންސީން މިހެން ބުނެފައިވަނީ، އެއްވުން ބޭއްވުމަށް ފުލުހުން ދިން ހުއްދައާ ހިލާފަށް އިދިކޮޅު ޕާޓީން ބޭއްވި މުޒާހަރާއާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެގޮތުން ޕީއެންސީން ބުނީ މާލޭގައި އިދިކޮޅުން މުޒަހާރާ ބާއްވާފައިވަނީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، މުޒާހަރާ ދާނެ މަގުތަކާއި ކުރިއަށްދާނެ ގޮތާއި މެދު އެއްބަސްވެގެން ކަމަށެވެ.
ނަމަވެސް އެމްޑީޕީން މި އެއްބަސްވުމާއި ހިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލި ކަމަށާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ގަލާއި ފުޅި އުކައި ފުލުހުން ގެންގުޅުނު ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތް ކުރިކަންވެސް ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ރަށްރަށުން މުޒާހަރާއަށް ގެނެސްފައިވާ ފަރާތްތަކަށް، އަސާސީ ގޮތުން ހަމަޖައްސަން ޖެހޭ ކާނާ އާއި ހުރުން ހަމަޖައްސައި ނުދޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ޕީއެންސީން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ސަބަބުން މުޒާހަރާއަށް ގެނައި މީހުން މާލޭގެ މަގުތަކުގައި ހާލުގައި ޖެހުނު ކަމަށާއި މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާ މެދު އަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް ޕީއެންސީން ބަޔާނުގައިވެއެވެ.



