އެމްޑީޕީން ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާގައި، އެ މުޒާހަރާގެ ބައިވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މުޒާހަރާގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުންދަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހާލަތު މިވަގުތު ރަނގަޅެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ރޭގައި ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރަސްލާންގެ ހާލު ގޯސްވެފައިވަނީ މުޒާހަރާ ކޮންޓްރޯލު ކުރުމަށް ރޭގައި ފުލުހުން ބޭނުންކުރި ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) އެލާމުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީން ރޭގައި ބޭއްވި މުޒާހަރާ ތެރޭގައި އެ މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ފުޅިވެސް އުކާފައި ކަމަށް ފުލުހުން ރޭގައި ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުލުހުންގެ ބައެއް އާލާތްތަކަށް އަތްލިކަމަށް ވެސް ބުނެފައިވެއެވެ.



