އިދިކޮޅު އެމްޑީޕީގެ ފަރާތުން ރޭ ބޭއްވި މުޒާހަރާގައި ފުލުހުންނާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވީ ނަމަވެސް، ފުލުހުން އަމަލު ކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތުގެ މަތިން ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޚަލީލް މިހެން ވިދާޅުވެފައިވަނީ ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސަސް (އެލްއާރްއޭޑީ) ބޭނުން ކުރިކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރ ޚަލީލް ވިދާޅުވީ، މިނިވަންކަމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން ފުލުހުންވަނީ ބޮޑުތަކުރުފާނު މަގުގައި މުޒާހަރާ ކުރުމަށް ރޭގައި ހުއްދަ ދީ، އެމްޑީޕީއާއެކު އެއްބަސްވެފައި ކަމަށެވެ.
ނަމަވެސް އެމްޑީޕީން ވަނީ އެ އެއްބަސްވުމާ ޚިލާފުވެ، މަޖީދީމަގުން ދާން މަސައްކަތް ކޮށްފައި ކަމަށާއި ފުލުހުން އެކަން ހުއްޓުވީ އެ ސަބަބާ ހެދި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑުތައް ފަޅާލައި، ޝީލްޑުތައް ވެސް ނަގައި ޤާނޫނާ ޚިލާފު އަމަލުތައް ހިންގުމުން، އެކަން ހުއްޓުވުމުގެ ގޮތުން ޤަަނޫނީ އިމުގެ ތެރެއިން ފުލުހުން ބާރުގެ ބޭނުން ކުރީ ކަމުގައި މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.




