ޔަހޫދީ އިޒްރޭލުން ހައްޔަރުކުރި ގްލޯބަލް ފްލޯޓީލާގެ 137 އެކްޓިވިސްޓަކު އިއްޔެ ޑީޕޯޓު ކޮށްލައިފިއެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ އިއްޔެ ޑީޕޯޓު ކޮށްފައިވަނީ، އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 14 ގައުމެއްގެ ރައްޔިތުން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އިޒްރޭލުން ވަނީ އިޓަލީގެ ހަތަރު އެކްޓިވިސްޓަކު ވެސް ޑީޕޯޓު ކޮށްލާފައެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އިއްޔެ ޑީޕޯޓު ކުރި މީހުން ފޮނުވާލާފައިވަނީ ތުރުކީ އަށެވެ.
އެ މީހުންގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، އިޓަލީ، އުރުދުން، ކުވައިތު، ލީބިޔާ، އަލްޖީރިއާ، މޮރިޓޭނިއާ، މެލޭޝިއާ، ބަހްރެއިން، މޮރޮކޯ، ސްވިޒަލޭންޑް، ޓިއުނީޝިއާ، އަދި ތުރުކީގެ އެކްޓިވިސްޓުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޣައްޒާގެ ހިސާރު ނައްތާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަނޑުކަމުން ދަތުރުކުރި ގްލޯބަލް ސުމުދު ފްލޮޓިލާ (ޖީއެސްއެފް)ގެ ހުރިހާ އުޅަނދެއް އިޒްރޭލުން ވަނީ ހުއްޓުވާފައެވެ. އަދި އެ އުޅަނދުތަކުގައި ތިބި 140 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.



