ގދ. ތިނަދޫގައި ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއްގައި ޖެހި އުމުރުން 6 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އެކްސިޑެންޓު ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ ތިނަދޫ ސިޓީ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައިޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ އިއްޔެ ހަވީރު 6:16 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި، މަގު ހުރަސްކުރި ކުޑަކުއްޖާއަށް އަނިޔާވެގެން ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެކެވެ. އަދި އެމީހާ އެކްސިޑެންޓުވުމުން މަޑު ނުކޮށް ދިޔަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވާފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
އެކްސިޑެންޓުވި ސައިކަލު މިހާރު ޓޯ ކޮށްފައިވާ ކަމަށާއި މި މައްސަލަ ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.




