ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ކުންފުނިން ޓެކްސްގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މިރާ) އިން ދައުވާކޮށްފައިވާ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ހައިހޯޓުން މިފަދައިން އަމުރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އައިޖީއެމްއެޗް ގޯތިތެރޭގައި އެޅި 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރި ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކާފައިވަނީ 227،560 ރުފިޔާއެވެ.
ނަމަވެސް ޗަންގް ހުއާ ކުންފުނިން ހުށަހެޅި މައްސަލައެއްގައި ސިވިލް ކޯޓުން 2023ވަނަ އަހަރު ނިންމީ މަޝްރޫއުގެ ޓެކްސް ފައިސާ ދައްކަން ޖެހޭނީ ސަރުކާރުން ކަމަށެވެ. ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މި ނިންމުމެވެ.
ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އިތުރު ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2022ވަނަ އަހަރުގައެވެ.
ސިވިލް ކޯޓުން ކުރިން ޗަންގް ހުއާ ކުންފުންޏާ އެއްކޮޅަށް ނިންމި ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް ވެސް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަގުތީ އަމުރެއް ނެރެފައިވެއެވެ.


