އދ. ދަނދެތީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
ދަނގެތީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިމިވަނީ އދ. އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
ރައީސްގެ މިދަތުރުފުޅުގައި އދ. އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށަކަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.



