ސަރުކާރުން އައިނުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ވިޔަފާރީގެ އުސޫލުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަތުން އިތުރު އަގެއް ނެގުމަކާ ނުލައި އައިނު ހައްދައިދޭން ފެށި ޚިދުމަތެއް ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓު ކުރުމުގެ ބަދަލުގައި ސަރުކާރުން އެ ޚިދުމަތް ދޭން ފެށީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައެވެ. މެންބަރު ުމުޙައްމަދު އިބްރާހިމް ވަނީ ސަރުކާރުން އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތް ޤާއިމުކުރުމަށް ދިޔަ ޚަރަދާއި އަހަރަކު އެ ޚިދުމަތް ދޭން ދާނެ ޚަރަދުގެ މައުލޫމާތަށް ވެސް އެދިވަޑައިގެންފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ޖުލައި މަހުގެ 27ވަނަ ދުވަހު އައިޖީއެމްއެޗްގައި ސަރުކާރުން އައިނުގެ ޚިދުމަތް ފެއްޓެވީ ހެޔޮ އަގުގައި އައިނުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
އެގޮތުން މިއީ އާސަންދައިގެ ދަށުން ކޮންމެ ދެ އަހަރަކުން އެއްފަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2000 ރުފިޔާގެ ތެރެއިން އައިޖީއެމްއެޗުން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށާއި މިއީ ވިޔަފާރި އުސޫލުން ދޭ ޚިދުމަތެއް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ އައިނުގެ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިތަކުން އެ ޚިދުމަތް ހޯދުމަކީ އާންމުންނަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމެއްކަން ސަރުކާރަށް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން، އާސަންދައިން ނަންބަރު އައިނު އަޅާ ފަރާތްތަކަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު 1000 ރުފިޔާދޭއިރު ގިނަ ރައްޔިތުންނަށް އަމިއްލަ ޖީބުން އެތައް ހާސްރުފިޔާއެއް ޚަރަދުކުރަން ޖެހޭ ކަމަށާއި އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތް ގާއިމުކޮށްގެން ޚިދުމަތް ދިނުމުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަޖައްސައިދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ހެލްތު މިނިސްޓަރ ވިދާޅުވީ އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތް ދިނުމުގެ ކަންކަން ރޭވިފައިވަނީ ލޮލުގެ ތަހުލީލުތައް ހަދާފައިވާ ބަލިމީހުންނަށް، ލޮލުގެ ފެނުމުގެ ޓެސްޓް ކުރުމާއި ގްލޯކޮމާފަދަ ހާލަތްތައް އަވަހަށް ދެނެގަތުމާއި އިންހައުސްކޮށް ލެންސް އުފެއްދުންފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަތޮޅު ތެރޭގައި މި ޚިދުމަތް ފުޅާކޮށް ރާއްޖޭގައި ލޮލުގެ ފަރުވާ ފަސޭހަގޮތުގައި ލިބޭނެ ގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.



