މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްގެން އދ. ދަނގެތީގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ)ގެ ބިންގާ އަޅައިފިއެވެ.
ދަނގެތީގައި ތަރައްޤީކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ދަނގެތީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝަރީފެވެ.
ދަނގެތީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އިންޑޯ ޖިމް އާއި އެރޮބިކްސްއާއި ބޯޑު ގޭމުތައް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ސެންޓަރެކެވެ.
މީގެ އިތުރުން އެ ސެންޓަރުގައި މީޓިންގ ރޫމާއި އެކި ކަހަލަ ޓްރޭނިންތައް ހިންގުމަށް ކުލާސް ރޫމެއް ހިމެނެއެވެ.



