ދާއިމީ ބަލި މީހުންނަށް ޕެންޝަން ފައިސާ ކުރިން ދިނުމަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް އެ ހުށަހެޅުން ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެ އިސްލާހު ހުށަހެޅުމުގެ މަޤްސަދަކީ ދާއިމީ ބަލި ތަހައްމަލު ކުރަންޖެހޭ މީހެއް ކަމަށް ކަށަވަރު ކޮށްދޭ މެޑިކަލް ސެޓްފިކެޓް އެ މީހެއްގެ އުމުރާއި މަސައްކަތްކުރި އަހަރުތަކަށް ބެލުމެއް ނެތި ޕެންޝަންގެ ފައިދާ ވީހާ ވެސް އަވަހަށް ލިބޭނެ ގޮތް ހެދުމަށެވެ.
އެ އިސްލާހުގައިވާގޮތުން އެފަދަ ބަލިމީހުންގެ އެ ހާލަތުތައް ވަޒަން ކުރާނީ ޕެންޝަން އޮފީހުން އެކުލަވައިލާ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމަކުންނެވެ.
މީގެ އިތުރުން ޕެންޝަން ފައިސާ ހޯދަން ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭނެ ގޮތަށް ލާޒިމު ކުރަން ވެސް އެ އިސްލާހުގައިވެއެވެ.



